ވެރިކަމަކީ ލިބޭ މޮޅުކަމަކާއި މުދާގަނޑެއް ނޫންކަމަށާއި އެއީ ބުރަ މަސްއޫލިއްޔަތަކާއި ބޮޑު ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވަމުންނެވެ.

ޖުމްހޫރީ ދުވަހަކީ ރައްޔިތުންގެ ދުވަހެއް ކަމާއި، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއްކަން ހަނދުމަފުޅުކޮށްއަރުވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަންކުރައްވަން މަސައްކަތްޕުޅުކުރައްވަނީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ އިތުރުން އެމަނިކުފާނުގެ ބައްޕާފުޅު، އަލްމަރްޙޫމް ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ ފޮތް، ”ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމު“ އަކީ އެމަނިކުފާނުގެ ގައިޑްބުކް ކަމުގައި ބައްލަވައިގެންކަމަށެވެ.

”ވަލިއްޔުލްއަމްރު ނުވަތަ ރައީސުއްދައުލާއަކީ ވަކި މުއްދަތަކަށް ރައްޔިތުން އެބައިމީހުންގެ މަޞްލަޙަތުތައް ބަލަހައްޓައި ހިންގުމަށް ޙަވާލުކޮށްފައިވާ ހަވާލްދާރެކެވެ. ވަކީލެކެވެ. އަދި ޚާދިމެއް މެއެވެ. ވީމާ، އެކަން އޭނާގެ ހުރިހާ ޢަމަލަކާއި މުޢާމަލާތަކުން ފެންނަންވާނެއެވެ. އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮންމެހެން ހުންނަންޖެހޭ ކަންތައްތައް ފިޔަވައި އެއްވެސް ޙާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑުކަން އެކިއެކި މަޒާހިރުތަކުން ދައްކައި އެމީހުން ނިކަމެތިކޮށް އަޅުދާސްކޮށްގެން ނުވާނެއެވެ. އެއީ ކުރަންހެޔޮނުވާނޭ ކަމެކެވެ. އަދި ޤައުމުގެ ސިޔާދަތު ލިބިގެންވާ ޙަޤީޤީ ވެރިފަރާތް ކަމުގައިވާ ރައްޔިތުން އެކަމަށް ރުހިތިބެގެންވެސް ނުވާނެއެވެ.“ ބައްޕާފުޅުގެ ފޮތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

 

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ޢަމަލުތައް ބައްޓަންކުރައްވާފައިވަނީ އެކަން ހަނދުމަފުޅުގައި ބަހައްޓަވައިގެންކަމަށެވެ.

އެގޮތުން، މަސައްކަތްކުރައްވާފައިވާނީ ރައްޔިތުންގެ އަޑުއައްސަވައިގެން، ރައްޔިތުންނަށްޓަކައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު މިވަނީ ސިޔާސީ ވާދަވެރިން ދުރަށްލައި އެއްފަރާތްކުރި ޒަމާން ނިމިފައިކަމަށާއި، ކޮމިޝަންތައް ނުހައްދަވާނޭކަމަށާއި، މައްސަލަތައް ބައްލަވާނީ ޤާއިމުކުރެވިފައިވާ ނިޒާމްތަކުގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވޭތުވެ ދިޔަ 51 ހަފުތާ އާއި ދެ ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވާނީ، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެންކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

އެމަނިކުފާނު ކުރައްވަން މަސައްކަތްޕުޅު ކުރައްވަނީވެސް އަދި ބޭނުންފުޅުވަނީވެސް، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކުރައްވާ ހެޔޮވެރިކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.