ނިމިގެންދިޔަ 51 ހަފުތާގެ ތެރޭގައި މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމަށް އޮތް ބަޖެޓު އިތުރުކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އިސްލާމީ، އަދި ގައުމީ ކަންކަމަށް އެމަނިކުފާނުގެ ސަރުކާރުން އަހައްމިއްޔަތު ދެއްވާކަން ފާހަގަކުރައްވައި، ބައެއް ކަންކަމަށް އަލިއަޅުއްވައިލައްވައިފައެވެ.
ގައުމީ ފެންވަރެއްގައި ޒުވާން އިމާމުންނާއި ހަތީބުން ތަމްރީންކޮށް، ގައުމީ ހިދުމަތަށް ނެރެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދީނުގެ ރުކުންތައްކަމަށްވާ، ޒަކާތާއި ހައްޖާއި ރޯދައިގެ އަޅުކަންތައް ފުރިހަމަކުރުމަށް ރައްޔިތުންނަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އީދު ފާހަގަ ކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ދިވެހި ގައުމިއްޔަތާއި ދިވެހި ބަހުގެ ހިދުމަތުގައި ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ބަހަށް، ދިވެހިންނާއި ދިވެހި ޒުވާނުން އަހުލުވެރިކުރުމަށް ދިވެހި ބަހާއި ގައުމިއްޔަތަށް ހާއްސަ ވުޒާރާއެއް އުފައްދަވައި، ގައުމިއްޔަތުގެ އިސްވާރުން ކަނޑައެޅިފައިވާ ކަމަށެވެ.
އަދި، ތައުލީމީ މަންހަޖުގައި ހިމަނައިގެން، ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި އެކަށައެޅި، އައު ޖީލަކަށް ދިވެހި ބަހުގެ ރިވެތިކަން ގެނެސްދިނުމުގެ ބުރަ މަސައްކަތް ފެށިފައިވާކަަމަށްވެސް، ރައީސް ވިދާޅުވިއެވެ.

