މާތްވެގެންވާ ދެ ޙަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ.

ކިންގް ހާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަހްމާން ބިން އަބްދުލްއަޒީޒެވެ.

މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަހައްދީ ހުތޫރާތްތެރި މައްސަލަތަކާމެދު، ސަރަހައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

މިއަދު މެންދުރުފަހު، ރައީސް މި ސަމިޓުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.