ރާއްޖޭގައި ވޭޕް ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުން މަނާކޮށް، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އައިފާނެވެ. އައިފާން ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓަކުންނެވެ.

އެ ބިލުގައި އައިފާން ފާހަގަކުރެއްވީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެހި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާކުރުމަށެވެ.

މި ބިލުގައިވާ ގޮތުން ރާއްޖެއަށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕުކުރަން ބޭނުންކުރާ ތަކެތި އެތެރެކޮށްފިނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި، އެތެރެކުރާ ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގައި ވޭޕު ވިއްކާ ކޮންމެ ފަރާތެއް 20،000ރ. ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައިވާއިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

އަދި ހިލޭ ވޭޕެއް މީހަކަށް ދީފިނަމަ 10،000ރ. ގެ ޖޫރިމަނާއެއް އަދި އެތަކެތި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. އަދި އެ ތަކެތި ބޭނުން ކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ވާނެ ކަމަށް ބިލުގައި ވެއެވެ.