ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ނޭޕާލްގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންދެވީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29)ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދެކުނު އޭޝިއާގެ އަވައްޓެރި ގައުމުތަކުގެތެރެއިން ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ.
އަދި ސިއްހީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ އެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެއްބާރުލުން ދެއްވުމާމެދު، މިބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކޮޕް29 ގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކުރިއަށް ދިއުމާއެކު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވައިލައްވަމުންނެވެ.

