ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތައް ލޯންޗުކޮށްފިއެވެ.
އެކަމަށްޓަކައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ”ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް“ ލޯންޗުކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުއެވެ.
އެގޮތުން، ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް ރޭ ވަނީ ލޯންޗުކޮށްފައެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ މޮޑެލްތައްވެސް ވަނީ ރޭ ދައްކާލާފައެވެ.
އޭގެ އިތުރުން، ރޭގެ ރަސްމިއްޔާތުގައި ލޯންޗުކުރެވުނު އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާ (އެމްއޯޔޫ) އެއްގައިވެސް ރޭ ވަނީ ސޮއިކޮށްފައެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި ޑޭވިޑް ޕިއެރިސް ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރއެވެ.
އެޗްޑީސީން ރޭ ލޯންޗުކުރި މި މަޝްރޫއުތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް ލޯންޗުކުރެވިގެންދިޔަ މަޝްރޫއުތަކެއް ކަމަށް އެ ކޯޕަރޭޝުން ބުނެއެވެ.
އަދި މި މަޝްރޫއުތަކުގެ މަގްސަދަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނައުން ކަމަށް ވެސް ބުންޏެވެ.
އެގޮތުން، މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ރޭ ލޯންޗުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި ހިންގޭ އިތުރު ދެ ސޯޝަލް ހައުސިންގެ މަޝްރޫއާއި ރޯ ހައުސް މަޝްރޫއެއް އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫއު ހިމެނެއެވެ.
އެޗްޑީސް ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން އެދޭފަދަ ތަރައްގީއާއި ޒަމާނީ ހިދުމަތްތައް ތައާރަފުކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
ރޭ ލޯންޗުކުރެވުނު ކީ ޕްރޮޖެކްޓުތައް:
1. ރަސްމާލެ ޕްރޮޖެކްޓު- ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ
މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރި ލީޑަރޝިޕްގެ ދަށުން ރަސްމާލެ މަޝްރޫއު ފެށީ ޑިސެމްބަރު 2023 ގައެވެ. ބިމުގެ ގޮތުން ހުޅުމާލެއަށްވުރެ ތިން ގުނަ ބޮޑު މި ޕްރޮޖެކްޓަކީ 325،000 މީހުންގެ އާބާދީއަށް ދިރިއުޅުމުގެ ފަސޭހަތައް ހޯދައި ދިނުމަށް ތަރައްގީކުރާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓު ތަރައްގީ ކުރެވޭނެއެވެ.
މި މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެއެވެ.
2. ރޯ ހައުސް- މޮޑާރން ކަނެކްޓެޑް ހޯމްސް، (ހުޅުމާލެ)
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ފަދައިން، ހުޅުމާލެ ފޭސް 2 ގައި މުޅިން އާ ރޯ ހައުސްތަކެއް އެޅުމަށް ޕްލޭންގައި ވަނީ ހިމަނާފައެވެ. މި މަޝްރޫއުގެ ދަށުން 32 ޔުނިޓް އެޅިގެންދާނެއެވެ. މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މިއީ، ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެޅޭ ފިޔަވަޅެއްގެ އިތުރުން، ވަޒީފާގެ ފުރުސަތުތައް ފަހިވެ، ލޯކަލް އިގްތިސާދު ހަރުދަނާވެ، އަދި އާންމުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ މަޝްރޫއެކެވެ.

3. ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސް- (ހުޅުމާލެ)
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރެވިގެންދާނެއެވެ.
އެއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިންގ އެޕާޓްމަންޓްތަކެވެ. މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިފަރާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

4. މޮޑާރން ޕްރީފެބް ހޯމްސް- އިނޮވޭޓިވް އަދި ސަސްޓެއިނަބަލް ލިވިންގ (ހުޅުމާލެ)
މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް އިނޮވޭޓިވް ސޮލިއުޝަނެއްގެ ގޮތުގައި ޒަމާނީ ޕްރީފެބް ގެތައް ތައާރަފުކުރުމުގެ މަޝްރޫއުއެކެވެ.
މިއީ، ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މޮޑާރން ޕްރީފެބް ގެތަކަކީ ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެކެވެ.
ސަރުކާރުން މި މަހު 5 ވަނަ ދުވަހު އިފްތިތާހުކުރި ”ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން، %5 އަށްވުރެ އިންޓްރެސްޓް ބޮޑު ނުވާގޮތަށް ދޫކުރާ ލޯނު ސްކީމާއި، މާލެ ސަރަހައްދަށް ދޫކުރާ 6 މިލިއަން ރުފިޔާގެ ލޯނު ސްކީމުން، މި ޕްރީ ފެބް ގެތައް ބައްލަވައިގަތުމަށް ފަސޭހަވެގެންދާނެއެވެ.
މިއީ، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީއާއި ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.

5. ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިންގ (ހުޅުމާލެ)
މިއީ ފަރުކޮޅުފުށި، ގޭޓެޑް ކޮމިއުނިޓީއަކީ ޕްރައިވެޓް ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއެކެވެ. އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރާނެއެވެ. އެތަނުގެ ވަށައިގެން ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރާނެއެވެ. އަދި އިވެންޓު ސްޕޭސް ވެސް ފަރުކޮޅުފުށީގައި ގާއިމް ކުރެވިގެންދާނެއެވެ. މީގެ އިތުރުން 5 ފަންގިފިލާގެ ހޮޓެލް އިމާރާތެއް އެތަނުގައި ގާއިމްކުރާނެއެވެ. އެއީ، 85 ކޮޓަރި ހިމެނޭ އިމާރާތެކެވެ. އެ ހޮޓަލުގައި ޕޫލްއާއި، އިވެންޓް ހޯލް އަދި ވީއައިޕީ ޕާކިންގ ހިމެނޭނެއެވެ. މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިޝަންއާ އެއްގޮތަށް، ހައުސިންގެ އިތުރުން، ލަގްޒަރީ ލިވިންގ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށޭ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދު އިތުރަށް ފުޅާވެ، އާއްމު ތަނަވަސްކަން އިތުރުވާނެއެވެ.

6. އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)
ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް، ހުޅުމާލޭގައި އެސްއެމްއީ ބިލްޑިންގ އެއް އެޅުމަށްވެސް ޕްލޭންގައި ވަނީ ހިމަނާފައެވެ. 10 ފަންގިފިލާގެ މި އިމާރާތް ތަރައްގީ ކުރެވިގެންދާނީ އެސްއޯއީތައް ހިންގުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އަދި ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި އިމާރާތުގައިވެސް ކޮމާޝާލް ޔުނިޓުތައް ހިމެނޭނެއެވެ. އެޗްޑީސީގެ މެގަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އެސް.އެމް.އީ ބިލްޑިންގ އެއް ތަރައްގީކުރުން ހިމެނުމުގެ މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އިތުރު ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިއީ ލޯކަލް ވިޔަފާރިތައް ބާރުވެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ދަށުން ހިންގާ މަޝްރޫއެކެވެ. މި އެސްއެމްއީ ބިލްޑިންގައި ކޮންފަރެންސް ރޫމްތަކާއި، ކޯ ވޯކިންގް ސްޕޭސްގެ އިތުރުން ރޫފް ޓޮޕް ގާޑެން ހިމެނޭނެއެވެ. އަދި އިމާރާތުގައި ކޮމާޝަލް އައުޓްލެޓްސް ވެސް ހުންނާނެއެވެ.

7. އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)
މި މަޝްރޫއުގެ ދަށުން އެޗްޑީސީގެ އޮޕަރޭޝަންތައް ހަރުދަނާކޮށް މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އާ ހެޑް އޮފީހެއް އެޅިގެންދާނެއެވެ. މި ހެޑް އޮފީސް އިމާރާތުގައި ކޮމާޝަލް ސްޕޭސްތައް ހުންނާނެއެވެ. އަދި ޓްރެއިނިންގ ސެންޓަރަކާއި، ރިކްރިއޭޝަނަލް އޭރިއާ، ޑޭކެއަރ، އެކްސްޕީރިއެންސް ސެންޓަރު، އެގްޒިބިޝަން އަދި ޕާކިންގ ސްޕޭސްތައް ހިމެނޭނެއެވެ. މި ބިލްޑިންގެ އެންމެ ބޮޑު އެއް މަގްސަދަކީ އެފިޝިއެންޓް ވޯކް ސްޕޭސްއެއް އުފެއްދުން ކަމަށް އެޗްޑީސީން ބުނެއެވެ.

8. އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ)
މިތަނުން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ، އެގޮތުން ކޮމްޕްރިހެންސިވް ކެއާގެ ދަށުން އިސްރަށްވެހިންނަށް ހެލްތް އެންޑް ވެލްނެސް ޕްރޮގްރާމްތައް ހިންގޭނެއެވެ. އަދި އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށީގެންވާ ނިއުޓްރިއަސް މީލްސް ނުވަތަ ކެއުން ލިބޭނެއެވެ. މިއީ، އިސްރަށްވެހިންނަށް ދިރިއުޅުމަށް ހިތްފަސޭހަ މާހައުލަކަށް ވާނެއެވެ. އަދި އެތަނުގައި އޮފީސް ސްޕޭސްތައްވެސް ހުންނާނެއެވެ.
އެތަނުން ކޮންމެ އިސްރަށްވެއްސަކަށް ބޭނުންވާ ސްޕެޝަލައިޒްޑް ކެއާ ލިބޭނެއެވެ. އަދި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ޕްރޮގްރާމްތައް ހިންގޭނެއެވެ.
އެޗްޑީސީން ބުނީ މިތަން ތަރައްގީ ކުރާނީ އެންމެ ފަހުގެ ވަސީލަތްތަކާއި ސެކިއުރިޓީ ހިމެނޭ ގޮތަށް ކަމަށެވެ.
9. ޕާކިންގ ބިލްޑިންގ- އިނޮވޭޓިވް ޕާކިންގ ސޮލިއުޝަން (ހުޅުމާލެ)
މި ސަރުކާރުން ވެހިކަލް ޕާކިން މައްސަލައަށް ހައްލު ހޯދުމަށް، ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ.
ސޯލާ ހަކަތަ ބޭނުންކުރާ ގޮތަށް ފަރުމާކުރާ މި 15 ޕާކިން އިމާރާތުގައި 4،000 އަށް ވުރެ ގިނަ ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަނަވަސްކުރެވޭނެއެވެ.
މިތަންތަން ތަރައްގީކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސް ވެވޭ ގޮތަށެވެ. އަދި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަންތައްވެސް ހިމެނޭ ގޮތަށެވެ.
އޭގެ އިތުރުން، އެކި ޕާކިންގް ބިލްޑިންތަކަށް ބަހާލައިގެން، ރޫފް ޓޮޕްގައި ރެސްޓޯރެންޓުތަކާއި، ޓެނިސްއާއި، ސްކޭޓް ޕާކާއިމ މިނީ ގޮލްފްއާއި ޖިމް އަދި ރޮކް ކްލައިމްބިން ތަރައްގީ ކުރާނެއެވެ.
މި މަޝްރޫއަކީ މަގުގެ ދެފަރާތުގައި ޕާކު ކޮށްފައި ހުންނަ މައްސަލައާއި، މަގު ތޮއްޖެހުމުގެ މައްސަލައަށްވެސް ހައްލު ހޯދައިދޭނެ މަޝްރޫއުއެކެވެ.

10. އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)
އައިލް އެޑްވެންޗާ ޕާކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެކެވެ.
މިއީ، އާންމު ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ތަފާތު ވަސީލަތްތައް ގާއިމްކުރުމުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަދި މިއީ، ޒުވާނުންނަށް މިފަދަ ކަންކަމުން ހުނަރު ތަރައްގީކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކުރުމުގެ ފުރުސަތު ފަހިވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިތަން ހުންނާނީ ބީޗަށް އެކްސެސް ވެވޭ ގޮތަށެވެ. އޭގެ އިތުރުން، މިތަނުގައި ކުދި ފިހާރަތަކާއި، ފުޑް އެންޑް ބެވެރެޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެއެވެ. މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ރަނގަޅު އަސަރު ކުރާނެ އަދި ވަޒީފާގެ ފުރުސަތުތައްވެސް ފަހިވާނެއެވެ.

11. ހިސްޓްރީ ސެންޓަރު (ހުޅުމާލެ)
ދިވެހިންގެ ދިވެހިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، ”ދިވެހިންގެރާއްޖެ“ ސްލޯގަންއާ އެއްގޮތަށް، ދިވެހިންގެ ތާރީހު ދައްކުވައިދޭ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ، މިއީ ރާއްޖޭގެ ތާރީހު ކިޔައިދީ، އަންނަން އޮތް ޖީލުތަކާ ހަމައަށް އެ ވާހަކަތައް ގެނެސްދިނުމުގެ މަގްސަދުގައި ތަރައްގީ ކުރެވިގެންދާ ތާރީހީ މަރުކަޒެއް ކަމަށެވެ.
މިތަން ތަރައްގީ ކުރެވިގެންދާނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
މިތަނުގެ ސަބަބުން އަންނަ އޮތް ޖީލުތަކަށް ކުރިން ދިވެހިން ކަންކަން ކޮށް އުޅުނު ގޮތާއި ދިވެހިންގެ ތާރީހު އޮތްގޮތަށް އަދުގެ ޅަދަރިންނަށް އިނގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިއީ ކުޑަކުދިންނަށް ޝައުގުވެރި ގޮތަށް ދިވެހި ތާރީހު ކިޔައިދިނުމަށް މުހިންމު ރޯލެއް އަދާކުރާނެ މަރުކަޒެކެވެ.
މިއީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް ރާއްޖޭގެ ތާރީހު ދައްކާލުމަށް މުހިންމު މަޝްރޫއެކެވެ.

12. ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)
ހުޅުމާލޭގައި ތަރައްގީ ކުރެވިގެންދާ މި ނޮލެޖް ޕާކުން ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާ ބަދަލުކޮށްލާނެއެވެ. މިއީ، ތައުލީމު އުންގަންނައިދޭ މަރުކަޒުތަކަށް މާލެ ސަރަހައްދުގައި އޮތް ޑިމާންޑަށް ލުއިކަމެއް ގެނެސްދެވޭނެ ޕްރޮޖެކްޓެކެވެ.
އެގޮތުން މިތަނުން، މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރެވޭނެއެވެ.
މިތަން ތަރައްގީ ކުރާނީ އުނގަންނައިދޭ އެކިއެކި އިންސްޓިޓިއުޓްތައް ހިމެނޭ ގޮތަށެވެ. އެތަނުގައި ލެކްޗަރ ހޯލްސްތަކާއި، ސްޓާފް ރޫމް، މީޓިންގ ރޫމް އަދި ލެބޯޓަރީތަކުގެ އިތުރުން މެނޭޖްމަންޓް އޮފީހެއް ހިމެނޭނެއެވެ. އޭގެ އިތުރުން މި ނޮލެޖް ޕާކުގައި ސްޓޫޑެންޓް ހޮސްޓެލްތައްވެސް ހުންނާނެއެވެ.

13. ނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު)
މިއީ، ތަރައްގީގެ ބިޔަ މަޝްރޫއެއްގެ ގޮތުން، ގަލުފަޅުގެ ފަޅުތެރޭގައި ”ނޫވެލި“ ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މިތަނަކީ މާލެ އަދި ހުޅުމާލެއާ ވަރަށް ކައިރީގަ އޮންނަ ގަލުފަޅުގައި ތަރައްގީކުރާ ތަނެކެވެ.
މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރެވިގެންދާނެއެވެ.
މިތަނުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރު، ރިކްރިއޭޝަނަލް ސްޕޭސެސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހުންނާނެއެވެ.
އަދި އޭގެ އިތުރުން އިވެންޓު ސްޕޭސް ތަކާއި، ކޮންވެންޝަން ސެންޓަރާއި އެގްޒިބިޝަން ހޯލްސް އަދި ބެންކުއެޓް ހޯލްސް ހުންނާނެއެވެ.
އެޗްޑީސީން ބުނީ، މި ޕްރޮޖެކްޓުގެ ސަބަބުން ކައިރި މި ސަރަހައްދުގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެ ކަމަށެވެ.

14. ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު)
”ކިނާރިއާ“ ޑެސްޓިނޭޝަން އައިލެންޑަކީ ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް ދިޔުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރާ އައިލެންޑެކެވެ.
ކުޑަގިރި ފަޅުގައި ތަރައްގީކުރާ މިތަނަށް، މާލެއިން ސްޕީޑް ބޯޓުގައި 15 މިނެޓުން ދެވޭނެއެވެ.
މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެވެސް ގޮތުގައެވެ. އެގޮތުން، ގެސްޓް ހައުސް ސްޓޭއާއި ސްޕާތައްވެސް މިތަނުގައި ހުންނާނެއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މުނިފޫހި ފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގޭ މަޝްރޫއުއެކެވެ.

15. ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ)
އެޗްޑީސީން ވަނީ ހުޅުމާލޭގައި މުޅިން އާ ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސްއެއްވެސް ގާއިމްކުރުމަށް ނިންމާފައެވެ.
ރައީސްގެ ވިޝަންއާ އެއްގޮތަށް ތަރައްގީކުރާ މިތަނަކީ ކޯލްޑް ސްޓޯރޭޖާއި، އެމްޕަލް ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ސްޕާޓް ވެއާހައުސް ކޮމްޕްލެކްސް ހިމެނޭނެ ތަނެކެވެ.
މި ފެސިލިޓީގެ ސަބަބުން މުދާ ރައްކާކޮށް ބެލެހެއްޓުމުގެ ކުރުމުގެ ހަރަދު ކުޑަކުރެވި، ވިޔަފާރުތައް ބާރުވެރި ކުރުވޭނެއެވެ.

16. ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ)
މިއީ، މި ދައުރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދަން ނިންމާފައިވާ ގަސް އިންދުމުގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ހިއްކާފައިވާ ރަށްތަކުގައި ގަސް އިންދުމުގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ތަރައްގީ ކުރާނެއެވެ.
އޭގެ އިތުރުން ހުޅުމާލޭގެ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް އެއްވެ އުޅޭނެ ސަރަހައްދުތަކާއި ބެންޗުތައް ގާއިމްކުރެވޭނެއެވެ.
އަދި މަގުގެ ދެފަރާތުގައި ހިޔާ ލިބޭ ގަސްތަކާއެކު ޖޮގިންނާއި ބައިސްކަލް ދުއްވާނެ ސަރަހައްދުތައް ހެދިގެންދާނެއެވެ.
މިއާއެކު އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތަކުގެ ފެހިކަން އިތުރުވެ، މަލަމަތި ރީތިވެ، ހުޅުމާލޭގެ ރައްޔިތުންނަށްވެސް ފެހިކަންގަދަ މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


