ތ.ހިރިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ހިރިލަންދޫ / ޗަމަން، އަޙްމަދު ސިނާނު (37އ) އާއި މާލެ، މއ. ސީނަރީވިޔު، އަޙްމަދު މާދިހު (34އ)އެވެ.
ނޮވެމްބަރު 11 ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން، އެ ރަށު ގެއެއް ބަލައިފާސްކޮށްފައިވެއެވެ.
އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

