މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮކްޓޫބަރު މަހު 1.73 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 14.2 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް އޮކްޓޫބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 30.5 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނާ ގޮތުގައި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ އަހަރު ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން ޖީއެސްޓީ، އެއާޕޯޓް ޓެކްސް އަދި ގްރީން ޓެކްސްގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ ދެއްކުމުގެ ސުންގަޑި އޮކްޓޫބަރަށް ލަސްކުރެވުނު ނަމަވެސް މިފަދަ ބަދަލެއް މިއަހަރު ގެނެވިފައި ނުވުމެވެ.

އެހެންނަމަވެސް އަންދާޒާކުރި އަދަދަށްވުރެ އޮކްޓޫބަރުގެ އާމްދަނީ އިތުރުވީ ޖީއެސްޓީއާއި، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ، ގްރީން ޓެކްސް، އެކްސްޕެޓް ކޯޓާ ފީ އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.

މީގެ އިތުރުން ސެޕްޓެމްބަރު މަހު ފަތުރުވެރިންގެ އަދަދު 2.1 އިންސައްތަ އިތުރުވުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީވެސް އިތުރުވެފައިވެއެވެ.

އޮކްޓޫބަރު މަހު ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 63.1 އިންސައްތަ ނުވަތަ 1.09 ބިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުން 115.54 މިލިއަން ރުފިޔާއެވެ.