ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނާއި ގުޅޭ ބިލެއް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ވަނީ ހުށަހަޅުއްވާފައެވެ.

އެބިލާއި ގުޅިގެން އިދިކޮޅުން ދަނީ ނުރުހުން ފާޅުކުރަމުނެވެ.

މިކަމާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ހިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއް ކޮށްއުޅުމުގެ ހައްގު އޮންނާނެ ކަމަށެވެ.

”ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހަންނާން ހުށަހެޅުއްވި ބިލުގެ މަގުސަދަކީ، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ބްރޯޑްކާސްޓިން ދާއިރާވެސް ހިމެނޭހެން މީޑިއާގެ ކަންކަން ތަންފީޒުކުރުމަށް ވަކި މުއައްސަސާ އެއް އުފެއްދުން ކަމަށް ބިލުގައިވެއެވެ.