ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 19 މީހަކު އެމްޑީޕީގެ ވެރިކަމުގައި މިނިވަންކުރި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ”ހަފްތާ 52“ މި ނަމުގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރުގައި އެކި ގޮތްގޮތުން، އެކި ނަންނަމުގައި، އޭރުގެ ސަރުކާރުން 434 ކުށްވެރިން ދޫކޮށްލި ކަމަށެވެ. އޭގެތެރެއިން، 330 މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް އިއްވާފައި ތިބި މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”26 މީހުންނަކީ ވަޔަލެންޓް ކްރައިމްސްގަ ތިބި މީހުން. 19 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރުމުން ދޫކޮށްލި މީހުން.“ އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެއިން ކޮންމެ މީހެއްގެ މައްޗަށްވެސް ދައުވާކޮށް، ހުކުމަކާ ހަމައަށް ދެވުނީ ފުލުހުން އެތައް މަސައްކަތެއް ކޮށްގެން ކަމަށާއި، ނަމަވެސް އެ މީހުން މިނިވަން ކުރަން ހޭދަވަނީ ފަޅި ސިކުންތެއް ކަމަށެވެ.
ހައްޔަރުކޮށްފައި ތިބި އެތައް ބަޔަކު ދޫކޮށްލުމުން، ކުށް ކުރުން އިތުރުވެފައިވާކަން ފާހަގަކުރައްވައި، އިހުސާން ވަނީ، މަސްތުވާތަކެތީގެ މައްސަލަތައް މަދު ކުރުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ި

