ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް  1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި މަހުގެ 12 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 48 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށުމާއެކު، އަންނަނިވި ކަންކަން ވެސް މަނާވާނެއެވެ.

– ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން.

– ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން.

– 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން.

– ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ނޫންކަން ޔަގީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުން.

– ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުން.

– ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެކަމަށް.

– ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުން.

– ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫންވެސް ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ އުފެއްދުން.

– ގާނޫނާ ހިލާފަށް ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން.

– ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ ދިވެހިރާއްޖޭގައި ބެހުން ނުވަތަ ވިއްކުން.

 

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ގާނޫނާ ހިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅައިފައެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު، މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ، މި ގާނޫނުގެ 2-10 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، 15 ޑިސެންބަރު 2024 ގައެވެ.

މި ގާނޫނުގެ ދެންހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ، 15 ނޮވެންބަރު 2024 އިން ފެށިގެންނެވެ.