ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ، ކޮޕް29 ސަމިޓް، ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް އަޒަރުބައިޖާނުން ކުރައްވާފައިވާ މަސައްކަތްތަކަށާއި، ދިވެހި ވަފުދަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ދާދި ފަހުން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެދަތުރުތައް ފަށާފައިވާކަން ފާހަގަކުރައްވައި އަޒަރުބައިޖާނުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ރައީސް ދައުވަތުއެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އަލިޔޭވް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަރޝިޕަށް ތައުރީފު ކުރައްވައި، ކޮޕް29 ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވީތީ ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ކޮޕް-29 ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް ކާމިޔާބު މަންސައަކަށް ހެދުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

