ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އިތުރު އަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

ބީލަމުގެ އުސޫލުން ދޫކުރާ މި 8 ބިމުގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން ދޫކުރާ 2 ބިމަކާއި ބީޗް ސައިޑުން ދޫކުރާ 6 ބިން ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން، ބީޗް ފްރަންޓުން ވިއްކުމަށް ހުޅުވާލާފައި ވަނީ 1708 އަކަފޫޓޫގެ ބިމަކާއި 1737 އަކަފޫޓޫގެ ބިމެކެވެ. އަދި ބީޗް ސައިޑުން ދޫކުރަނީ 1513 އަކަފޫޓާއި 1534 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލި މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،500ރ.އެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000ރ.އެވެ.

ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެއެވެ.

އެޗްޑީސީން ބުނީ މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު އެ ކޯޕަރޭޝަންގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށެވެ.

އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ވެސް ހޯދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.