ދިވެހި ގައުމަށް ހެޔޮ އެދޭކަމަށް ވާނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުންތަކަށް ރާއްޖޭގެ ސިޔާސީ ލީޑަރުން މަރުހަބާ ކިޔަން ޖެހޭ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ނަރީޝް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެންޖެހިފައިވާ ރައްޔިތުން ކަމަށާއި، ކަންކަން ސަރުކާރުން ނިންމަންވާނީ މެޖޯރިޓީ އަދި މުޅިގައުމަށް ފައިދާވާގޮތަށް ކަމުގައެވެ.

”އަދުގެ ރައީސް، ޑރ.މުހައްމަދު މުއިއްޒު ނިންމަވަމުން އެގެންދަވަނީ އެހެން ރައީސުންނަށް ކުރަން ނުކެރުނު މުޅި ގައުމަށާއި ރައްޔިތުންނަށް ދުރު ރާސްތާ އަދި ކުރު ރާސްތާގައި ލާބަޔާއި މަންފާކުރާނެ އުނދަގޫ ނިންމުންތަކެއް!“ އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ގައުމަށް ހެޔޮއެދޭނަމަ، ހުރިހާ ސިޔާސީ ލީޑަރުން މި ނިންމުންތަކަށް މަރުޙަބާ ކިޔާ އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.