ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ފޮނުއްވެވި މެސެޖެއްގައެވެ.
ފަލަސްތީނުގެ ރައީސާއި ބޮޑުވަޒީރަށް ރައީސް ވަކިވަކިން ފޮނުއްވި މެސެޖުގައި، ފަލަސްތީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ނުހަނު ތަޢުރީފު ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނުގެ މެސެޖުގައި ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށާއި، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

