އިންޑިއާގެ ބެންގަލޫރު އުތުރުގެ އާރްޓީ ނަގަރުގެ ހޮޓަލެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި، މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 43 އަހަރުގެ ހަސަން ސުހެއިލްއެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެޗްއިން ރިޕޯޓުކުރި ގޮތުގައި ސުހެއިލް މަރުވެފައި ވަނީ ކާޑިއެކް އެރެސްޓެއް ޖެހިގެންނެވެ.

ސުހެއިލް ވަނީ މިމަހުގެ 10 ވީ އާދިއްތަ ދުވަހު ފަތުރުވެރިއެއްގެ ގޮތުގައި އިންޑިއާއަށް ގޮސް، އާރްޓީ ނަގަރުގެ ހޮޓަލަކަށް ޗެކް-އިން ވެފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ބުދަ ދުވަހުއެވެ.

އަންގާރަ ދުވަހުގެ ފަހުން އޭނާ ހޮޓަލުގެ ކޮޓަރިން ނުނިކުންނަ ކަމަށާއި، ބުދަ ދުވަހު އޭނާ ދޮރު ނުހުޅުވުމުން ހޮޓެލްގެ މުވައްޒަފުން ވަނީ ފުލުހުންގެ ހެލްޕްލައިންއަށް ގުޅާފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އެއަށްފަހު ފުލުހުންގެ ޓީމެއް ހޮޓަލަށް ގޮސް ސްޕެއާ ތަޅުދަނޑިއެއް ބޭނުންކޮށްގެން ކޮޓަރި ހުޅުވާފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.