ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދަރުމަވަންތަ ހޮސްޕިޓަލު އޮތީ ތަސައްވުރު ކޮށްލަން ވެސް އުނދަގޫ ހާލަތެއްގައި ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ހަލީމް މިހެން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލު ޓާޝަރީ ފެންވަރުގައި، ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ސަރުކާރު ހަވާލުވީއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ހުރީ މަރާމާތު ނުކުރުމުގެ ސަބަބުން ހަލާކުވާން ކައިރިވެފައި ކަމަށާއި، މިކަމުގެ ސަބަބުން، އެތަނުގައި ހުރި އަގުބޮޑު އެތައް ވަސީލަތެއް ވަނީ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައި ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

”އާދެ، 25 ބުރީގެ، މި ބިޔަ އިމާރާތުގެ ގިނަ ފަންގިފިލާތައް ހުރީ ބޭނުން ނުކޮށް، ހޮހަޅައެއްގެ ގޮތުގައި ގުދަން ކުރަން ދޫކޮށްލާފައި.“ ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ހޮސްޕިޓަލުގައި ހުރި ހައިބްރިޑް ކެތުލެބުގައި ހުރި މެޝިނަރީތައް ހުރީ ކުރަން ޖެހޭ މަރާމާތުތައް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ވެސް ހަލީމް ރޭ ވިދާޅުވިއެވެ.

”އެހެންނަމަވެސް، ރައީސްގެ ސީދާ ލަފާފުޅާއި، އިރުޝާދުގެ ދަށުން، އަޅުގަނޑުމެން މިއަދު މި ހާލަތު ބަދަލުކޮށްފިން.“ އޭނާ އިތުރަށް ވިދާޅުވިއެވެ.

25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލު، ޓަރޝަރީ ފެންވަރުގައި ރޭ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް ވަނީ އިފްތިތާހުކޮށްފައެވެ.

އަދި އެ ހޮސްޕިޓަލުގެ އީއާރު އަކީ ކުޑަކުދިންނަށް ހާއްސަ އީއާރުއެއްގެ ގޮތެއްްގައި ވަނީ ކަނޑައަޅާފައެވެ.

ު