ބ.އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ޗައިނާގެ ކުންފުންނަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑް ކުންފުންޏާއެކުގައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައި ވަނީ، މިނިސްޓަރު ޑރ.މުއްތަލިބެވެ. ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވައިފައި ވަނީ، އެ ކޯޕަރޭޝަނުގެ ކަންޓްރީ މެނޭޖާ ޕޭން ގުއާންޒޫއެވެ.
ިމި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
އޭދަފުށީގައި 1،000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، އާބަން ސެންޓަަރެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރަން ނިންމަވާފައިވާތީ އެ ރަށުގައި ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތައް ގިނަކަން ރައީީސް މުއިއްޒު މީގެ ކުރިން ފާހަގަކުރައްވައިފައިވެއެވެ.
2008 ވަނަ އަހަރުގައި ބ.އޭދަފުށީގައި 26 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. ބިމުގެ ދަތިކަން ބޮޑު އެ ރަށުގައި ބިން ހިއްކި ފަހުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއެއް ހިންގާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ ވެސް މީގެ 35 ވަރަކަށް އަހަރު ކުރީންނެވެ.

