ބ.އޭދަފުށީގައި ހިންގާ ހައުސިން މަޝްރޫއުގެ ދަށުން، 15 ފަންގިފިލާގެ 12 ޓަވަރު އަޅާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ.
އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމަށް މިއަދު ހަވާލު ކުރީ ޗައިނާގެ ކުންފުންޏަކާއެވެ.
މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ހަފްލާގައި މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 15 ފަންގިފިލާގެ 12 ޓަވަރު އޮމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 672 ފުލެޓު ތަރައްޤީކުރެވޭނެކަމަށެވެ.
އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްގީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން ތަރައްގީގެ ނާރެހެއްގެ ގޮތުގައި ތަރައްގީ ވެގެންދާނެ ރަށެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ހައުސިންޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫއިގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

