ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތައާރަފު ކުރެވޭ ހިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލެ ހޮސްޕިޓަލުގައި އޮތް ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައިސީޔޫ، އެންއައިސީ.ޔޫ އަދި ސީއެސްޑީ ހިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވާފައެވެ.

މި ހިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތައާރަފް ކުރި ހިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލައްވައި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައިސީޔޫ އެންއައިސީޔޫ އަދި ސީއެސްޑީ ބައްލަވާލައްވައި، އެތަންތަނުން ދޭ ހިދުމަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސް އެ ހޮސްޕިޓަލާ ހަވާލުކުރައްވާފައިވެއެވެ.