މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޑްރޯން ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅުނު ބޭރުގެ ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޑްރޯނުން ވަނީ ބޭރު ގައުމެއްގެ ބޯޓެއް، ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފައި ކަމަށެވެ.

 

ޑްރޯން ބޭނުންކޮށްގެން ހޯދި ބޯޓު

‏އެމްއެންޑީއެފް އިން ވިދާޅުވީ،  ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު މިހާރު ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

ތުރުކީއިން ރާއްޖެ ގެނައި ތިން ޑްރޯން އިފުތިތާހު ކޮށްދެއްވީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ މާޗު މަހު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.