އަންނާރަކީ ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވިގެންވާ، ސިއްހަތަށް ވަރަށް ބޮޑަށް ފައިދާ ކުރުވަނިވި މޭވާއެކެވެ.
އަންނާރުގައި ވިޓަމިން ސީ، ފައިބާ، ފޯލޭޓް އަދި ޕޮޓޭސިއަމް އެކުލެވިގެންވާ އިރު، މިއީ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެކެވެ.
އަންނާރު މާބަނޑުވުމަށް ރަނގަޅު ހެއްޔެވެ؟ މި ލިޔުމުގައި މި ބަލައިލަނީ، އަންނާރު ކެއުމުން މާބަނޑު އަންހެނުންނަށް ލިބޭނެ ބައެއް ފައިދާތަކަށެވެ.
ލޭގެ ޕްރެޝަރު މައްޗަށް ދިޔަ ނުދީ ހިފަހައްޓައިދޭ
ލޭގެ ޕްރެޝަރު މައްޗަށް ދިޔުމަކީ މާބަނޑު އަންހެނާއާއި، އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އަންނާރު ކެއުމަކީ ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ، ހިފެހެއްޓުމަށް މަގުފަހި ކުރުވާ އެއްޗެކެވެ. އެކަމަކު، މިއީ އެކަމުގެ ފަރުވާ ކަމަށް ދެކިގެން ނުވާނެއެވެ. މި ހާލަތު ދިމާވެއްޖެ ނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.
ކަށިތައް ވަރުގަދަ ކޮށްދޭ
ދަރިފުޅުގެ ދުޅަހެޔޮކަމަށްޓަކައި މައިމީހާގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަ ވާން ޖެހެއެވެ. މިކަމަށްޓަކައި، އަންނާރު ބޭނުން ކުރެވިދާނެއެވެ. އަންނާރަކީ ގިނަ މިންވަރަކަށް ކެލްސިއަމް ހިމެނޭ މޭވާއެކެވެ.
ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ބައެއް ކަންކަމުން ދުރުކޮށްދޭ
ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އަންނާރުގައި ހިމެނޭ އެންޓިއޮކްސިޑެންޓުތަކަކީ ޕްލެސެންޓާއަށް ދިމާވާ މައްސަލަތަކުން ރައްކާތެރި ކޮށްދޭނެ ކަމެކެވެ. މިކަމަށް އަދި އިތުރަށް ދިރާސާ ކުރަމުންދާއިރު، އަންނާރު ކެއުމުގެ ސަބަބުން ”ސްޓްރެސްވުން“ ކުޑަވެ، ޕްލެސެންޓާގެ ސަބަބުން ދިމާވާ މައްސަލަތައް ދުރުކޮށްދޭނެ ކަމުގައި ބެލެވިފައިވެއެވެ.
ތުއްތު ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީއެއް
މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބޯ ނަމަ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
އެމެރިކާގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުން ހެދި ދިރާސާއެއްގެ ނަތީޖާތަކުން ދައްކާ ގޮތުގައި މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބޮޑުވާންޖެހޭ ވަރަށް ބޮޑު ނުވެ ނުވަތަ އިންޓްރޯޓެރީން ގްރޯތު ރެސްޓްރިކްޝަން (އައިޔޫޖީއާރް) ދިމާވުމަކީ ދަރިފުޅުގެ ސިކުނޑި ވެސް ތަރައްގީވާން ހުރަސްއަޅާ ކަމެކެވެ.
ނަމަވެސް މާބަނޑު ދުވަސްވަރު އަންނާރު ޖޫސް ބުއިމުން އެކަން ހައްލުކޮށްދޭން ބާރުއަޅާ ކަމަށް ދިރާސާގައި ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު މަދުވެގެން 8 އައުންސްގެ ތާޒާ އަންނާރު ޖޫސް ބުއިމުން، ދަރިފުޅުގެ ސިކުނޑި އަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެން އެހީއަކަށްވެއެވެ.

