ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫއުގެ %100 ނިމިފައިވާކަން ކޮންސްޓްރަކްޝަން މިނިސްޓްރީއިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 174 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2020 ވަނަ އަހަރުގެ މާޗު މަހު 42 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައިކަމަށެވެ.

އަދި ދެވަނަ ފިޔަވަހީގެ ދަށުން 132 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރިލް މަހު ވަނީ ނިންމާލާފައެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

މިގޮތުން މިހާތަނަށް 2.66 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫއުއަކީ ވެރިރަށް މާލޭގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުއެވެ.