އެމަނިކުފާނަކީ ދިވެހި ރައްޔިތުން ހަވާލު ކުރެއްވި މަސްއޫލިއްޔަތު އިހްލާސްތެރިކަމާއެކު، އެންމެ ފުރިހަމައަށް އަދާ ކުރައްވާނެ ވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމީ ދިވެހީންގެރާއްޖެއަށް ދިޔުމަށް ކަމަށާއި، އެއާއެކުގައި އެމަނިކުފާނަށް ވެސް ޒިންމާތަކެއް ހަވާލު ކުރެއްވި ކަމަށެވެ.

”އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ، ރައްޔިތުން އަޅުގަނޑާ ހަވާލު ކުރައްވަވާ، ކުރެއްވެވި ހުރިހައި ޒިންމާއެއް، ހުރިހާ މަސްއޫލިއްޔަތެއް، އިހްލާސްތެރިކަމާއެކުގައި، ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގައި، އަދާ ކުރާނެ މީހެކޭ.“ ރައީީސް މިރޭ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ، ރައްޔިތުންނަށް ވައުދުވި ކަންކަން ފުއްދައިދިނުމަށް ކަމަށާއި، ރައީސް ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރުމަށް އޭރު ވެސް މަސައްކަތް ކޮށްދެއްވި ކަމަށެވެ.

މިރޭގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރަށް އަހަރެއްވީއިރު ހާސިލު ކުރެވުނު ކާމިޔާބީތަކަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ.