މި އަހަރުގެ ބަޖެޓު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކޮށްފައި ވަނީ، މި ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހުރަސް އެޅޭ ގޮތަށް ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރު ނިންމައިލަން ޖެހުނީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެއްވެސް މަޝްރޫއުއަކަށް ޖާގަ ނުދީ އެކުލަވައިލި ބަޖެޓެއް ބޭނުންކޮށްގެން ކަމުގައެވެ.
”މަޝްރޫއުތަކެއް ހުރި، ބައިވަރު މަޝްރޫއުތަކެއް، އެއްވެސް މަޝްރޫއުއެއް ފެށޭ ވަރަށް ވެސް ބަޖެޓުގައި ފައިސާއެއް ނުޖަހާ“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން ބަޖެޓު ފާސްކޮށްފައި ވަނީ، ގަސްތުގައި ސަރުކާރުން ހިންގުމަށް ދަތި ކުރުމުގެ ގޮތުން، ސަރުކާރަށް ހުރަސް އެޅޭނެ ގޮތަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމާއެކު، ގިނަ މަޝްރޫއުތަކެއް ހިންގުމަށް ހުށަހެޅޭ ބަޖެޓެއް ކަމަށެވެ.
”އާދެ، މި ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓު، އިރާދަކުރެއްވިއްޔާ“ ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރީ ސަރުކާރުން ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވައްޓައިލައި، ރާއްޖެ ބަނގުރޫޓު ކޮށްލަން މަސައްކަތް ކުރިކަން ފާހަގަކުރެއްވިއެވެ.
އޭރު 08 ބިލިއަން ރުފިޔާ ޗާޕު ކުރިއިރު، މި ސަރުކާރުން ފައިސާ ޗާޕު ކުރުން ވެސް ހުއްޓައިލައި، ދަރަނިތައް ދައްކަމުންދާ ކަމަށް ރައީީސް މިރޭ ވިދާޅުވިއެވެ. ރައީީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް އަހަރެއްވީއިރު، ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ އަކީ އޭރުގެ ސަރުކާރުން ރާއްޖެ ބަނގުރޫޓު ކޮށްލުމަށް ކުރި މަސައްކަތުން ސަލާމަތްވެވުން ކަމުގައެވެ.
މި ސަރުކާރު ހަވާލުވުމުގެ 06 ދުވަސް ކުރިން އައިއެމްއެފުން ވަނީ، މި އަހަރުގެ އޭޕްރީލް މަހުގައި ރާއްޖެ ސޮވްރިން ޑިފޯލްޓަކަށް ދާނެ ކަމަށް ލަފާކޮށްފައެވެ. ރައީީސް ވަނީ ގައުމު އެ ހާލަތަށް ދިޔަ ނުދީ ހިފެހެއްޓުނުކަން ފާހަގަކުރައްވައިފައެވެ.

