މި އަންނަ ރޯދަ މަހުގައި، ދިވެހި ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި، ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިކަން އިއުލާނު ކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރު 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފައިވާނެ ކަމަށެވެ.
”ކުރިއަށް އޮތް ރަމަޟާން މަހު އަޅުގަނޑުމެން ގަސްދުކުރަނީ އެސްޓީއޯ އެމްޑީއަށް އަޅުގަނޑު ދަންނަވައިފިން ކާޑުގެ ބަދަލުގައި މަސްދަޅު ކޭސް. ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މިދިޔަ އަހަރުގެ ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުންވެސް ސަރުކާރުން ޑިސްކައުންޓް ދީފައިވާނެ ކަމަށާއި ޖުމުލަ 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދެވުނު ކަމަށެވެ.
މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އާއި 10 ކިލޯ ފުށް ހިލޭ ދީފައެވެ.

