ރާއްޖޭގައި ދުވަހަކުވެސް މައުލޫމާތު ހާމަނުކުރާވަރަށް މި ސަރުކާރުން ދަނީ މައުލޫމާތު ހާމަކުރަމުންކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ”ރައްޔިތުންނާއެކު ކުރިއަށް: ހަފުތާ 52“ ނަމުގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދެފުށްފެންނަ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ކުރިއަށްގެންދިއުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރައްޔިތުން ހުށަހަޅާފައިވާ އާރްޓީއައިތަކުގެތެރެއިން ގާތްގަނޑަކަށް 91 އިންސަތަ އާރްޓީއައި އަށް ޖަވާބުދާރީވެވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.
ހަމަ އެއާއެކު ސަރުކާރުގެ ވެބަސައިޓުގެ ނަމުގައި ވެބަސައިޓެއް ޤާއިމުކުރައްވާފައި ވާނެކަމަށާއި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކަށް ޚާއްޞަ ވެބްސައިޓެއް ހައްދަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް 791 ފަހަރު ވުޒާރާތަކުންނާއި ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތުދީފައިވާކަމަށާއި 73 ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އަޑު ޕޯޓަލުންވެސް ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދާރީވަމުންގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތެދު މަޢުލޫމާތު ނޫސްތަކުންނާއި ޚަބަރު ފަތުރާ ވަޞީލަތްތަކުން ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ. އަދި ސަރުކާރުން މީޑިއާތައް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް މި ރަސްމިއްޔާތުގައި އެމަނިކުފާނު އަލިޅުއްވާލެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު މަޤާމެއް ދީފައިހުރި އެއްވެސް މީހަކު ޝަރުޢީދާއިރާގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެކަމަށާއި އެފަދަކަމެއް ފާހަގަވެއްޖެނަމަ އެ ފަރާތެއް ވަޒީފާއިން ދުރުކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރު އައި ދުވަހުން ފެށިގެން ޝަރުޢީ ދާއިރާއަށް ނުފޫޒުފޯރުވުން ނިމިއްޖެކަމުގައި ވިދާޅުވާ ވިދާޅުވުން މިރޭވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މި ސަރުކާރު ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އަޑުއަހައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ މިރޭވެސް ފާހަގަކުރެއްވިއެވެ. އެގޮތުން 70 ރަށަށް ދަތުރުފުޅުކުުރައްވައި 169 ކައުންސިލާ ބައްދަލުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

