ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލް، އިކޮނޮމިކް ކައުންސިލަށް އައްޔަންކުރައްވައިފިއެވެ.

ހަލީލް، އިކޮނޮމިކް ކައުންސިލަށް އައްޔަންކުރައްވަން ނިންމާފައިވަނީ އިއްޔެއެވެ.

އޭނާ އިކޮނޮމިކް ކައުންސިލަށް އައްޔަންކުރައްވާފައިވާ އިރު، އޭނާގެ ހިއްސާ އޮންނަ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް ދެކޮޅު ހަދައިފައެވެ.

އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ.

ރިސޯޓު ހިންގާ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރުމަށް ދެކޮޅު ހެދި ނަމަވެސް، ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން އިތުރަށް ތަންފީޒުކުރަން އެހީތެރިކަން ދިނުމަށް، އެމްއެމްއޭއަށް ފަސޭހަކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް ތެރެއިން ފާސްކޮށްދެއްވާނެ ކަމަށެވެ.

އަދި މި ސަރުކާރު އޮންނާނީ 100 ޕަސަންޓް ރައްޔިތުންނާ އެކީގައި ކަމަށް ވެސް ވިދާޅުވިއެވެ.