ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، ގދ. ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފް ރަޝީދާއި، އެއަތޮޅު ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އަންގާރަ ދުވަހު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން ރަށުގެ ޒުވާނުން މިވަގުތު ފުޓުބޯޅަ ކުޅުމަށްޓަކައި ރަށުގެ ބޮޑު ސްޓޭޑިއަމްގައި ޓާފު އެޅުމަށް ބޭނުންވާކަމަށާއި، ރަށުގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލް ރައީސާއި ދާއިރާގެ މަޖިލީސް މެންބަރު އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު، ރަށުގައި އޭޓީއެމްގެ ހިދުމަތް ނެތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެބޭފުޅުން ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ސޫކޫލުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ސިއްހީ ހިދުމަތް 24 ގަޑިއިރު ދެވޭ ތަނެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލް ރައީސާއި ދާއިރާގެ މަޖިލިސް މެންބަރު ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ދާދި ފަހުން ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތީން ފައްޓަވައިދެއްވި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

