އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއް ކަމަށާއި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއްކަމުގައި އިސްލާމީ ކަންތައްތަކަ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިހުތިރާމް ކުރަންވާނެ ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާގެ އިފްތިތާހީ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ދީނީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވާކަމަށް ޑރ. ޝަހީމް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ގިނަ ދުވަސްތަކަކަށް ފަތުވާ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން، ރައީސްވަނި ނިމުމަކަށް ގެންނަވައި، ގާނޫނުގައި ބުނާ ފުރިހަމަ އަދަދަށް މެންބަރުން އައްޔަން ކުރެވިފައި ކަމަށް ވެސް  ވިދާޅުވިއެވެ.

ރާއްޖޭގައި ވައުޒާއި އިރުޝާދާއި ފަތުވާ ދިނުން ދަރަޖަ ކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިހުތިރާކުރާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު މިއަދު ދެއްވާފައިވެއެވެ.

އަދި މިޒަމާނުގައި، ކުރިމަތި ވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާ ކުރެވެންޖެހޭ ކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއްކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޝަރުއީ ހުކުމްތައް ބަޔާންކުރުމުގައި، ފިގުހީ މުއުތަބަރު ހިލާފު ހުންނަ ކަންކަމުގައި ހިލާފު އޮތް ކަމުގެ ވާހަކަ ބަޔާންކުރުން މުހިންމު ކަމަށާއި ތަބަޢަވާން ޖެހޭނީ ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއުއަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.