އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފު ވަކިކޮށް، ޑރ. މުހައްމަދު ޒާހިރު ވަކިނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޝަންގެ ތިން މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މި މަހުގެ 12 ވަނަ ދުވަހުގައެވެ.
އެ މައްސަލާގައި އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ނަޝާތާއި މެންބަރު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށެވެ.
ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެބޭފުޅުން އީސީން ވަކިކުރުމަށް ވޯޓަށް އެހުމުން މަޖިލީހުން ފާސްކޮށްފައި ވަނީ ނަޝާތާއި އާސިފް ވަކިކޮށް، ޒާހިރު މަގާމުން ވަކިނުކުރުމަށެވެ.
އެގޮތުން ނަޝާތު ވަކިކުރުމަށް ފާސްކޮށްފައި ވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އާސިފް ވަކިކުރުމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ.
މެމްބަރު ޒާހިރު ވަކިކުރަން ވޯޓަށް އެހުމުން އޭނާއަށް އިތުބާރު އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވިއެވެ.
އީސީގެ ދެ މެންބަރަކު ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވާ އިރު އެ ބޭފުޅުން ވަކިކުރަން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައެވެ. އެގޮތުން އެބޭފުޅުންގެ މައްޗަށް 19 ތުހުމަތެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކޮށްފައިވެއެވެ.

