ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ދައްކަންޖެހޭ ހުރިހައި ފައިސާއެއް ދައްކާ ހަލާސް ކޮށްފިއެވެ.
މިފްކޯ އިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހަށް މަސްވެރިންނަށް 918 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 50،588 މެޓްރިކް ޓަނަށްވާ ފައިސާއެވެ.
މިފްކޯއިން ބުނީ އެ ކުންފުނިން ހިންގަމުން އަންނަ ކޫއްޑޫ ފިޝަރީޒް ކޮންޕްލެކްސްއާއި އައްޑޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްވެރިން ކިރާފައިވާ މަހަށް ފައިސާދީ ހަލާސްކޮށްފައިވާކަމަށެވެ.
ނަމަވެސް އޮކްޓޯބަރ 28 އިން ނޮވެމްބަރ 15 އަށް މަސްވެރިން ފެލިވަރަށް ކިރުވާފައިވާ މަހަށް ފައިސާ ދިނުމުގެ ކަންކަން މިހާރު އެ ކުންފުނިން ކުރަމުން އަންނަކަމަށެވެ.
މިފްކޯގެ ބެކްލޮގްގައި މިވަގުތު މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 30 މިލިޔަން ރުފިޔާއެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވީއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ ހުއްޓެވެ. އެ ހުރިހާ ފައިސާ ދެއްކީ މި ސަރުކާރުންނެވެ.

