މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާފަންނު މަދަރުސާ އިން ހުނަރުވެރި އެތައް ކުދީންނެއް މުޖްތަމައުއަށް ނެރެފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެ ސްކޫލްގެ ކުރިއެރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގައެވެ.
ކޮމިއުނިޓީ ކޮންސެޕްޓުގަ، ސްކޫލްތައް ހިންގުމަށްޓަކާ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ކައުންސިލާ ހަވާލު ކުރެވިފައި އެވަނީ. އެހެންވީމަ، ސަރުކާރުން ފުރިހަމަ އެއްބާރުލުންދީ، ސަރުކާރުން ސްކޫލް މި ކޮންސެޕްޓުގައި ހިންގުމަށް ދެވޭނެ ފުރިހަމަ އެއްބާރުލުން ދީގެން މިހާރަށްވުރެ ރަނގަޅަށް ކަންތައްތައް ގެންދިޔުމަކީ މާލޭގައި ދެން ހުރި މިފަދަ ސްކޫލްތައް ޝާމިލުވާހެން އަޅުގަނޑުމެން ކަންކަން ކުރާނެގޮތް.“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި، ސްކޫލުން އެދޭ ކަންކަން ކޮށްދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލަށް ގޮވައިލެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ތައުލީމު ހާސިލު ކުރުމަށް ފުރުސަތު ދިނުމަށް ސެން ޓީޗަރުން ތަމްރީނު ކުރުމަށް އާ ޕްރޮގްރާމެއް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ވަމުން އަންނަ ކަމަށާއި، އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމުގައެވެ.
މީގެއިތުރުން ކޮމިއުނިޓީ ސްކޫލުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮމިއުނިޓީ ކޮންސެޕްޓުގައި ސްކޫލުތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި މި ކޮންސްޕްޓަށް ވެސް ސަރުކާރުން އެއްބާރުލުން ދީ، ކޮންސެޕްޓުގައި ސްކޫލު ހިންގުމަށް އެއްވެސް ދަތިތަކެއް ދިމާވާނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ދަތިތަކުން އަރައިގަނެ، މިހާރަށް ވުރެ ރަނގަޅަށް ހިންގޭނެ ގޮތަށް ނިޒާމުތައް ރޭވިގެން ދިއުން ކަމަށެވެ.

