އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ، ރިޔާސީ އިންތިހާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގެ އަމަލީ މަސައްކަތް ހިނގާނެ ދެ އަހަރަށް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އއ ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ނިމޭ 2024 ވަނަ އަހަރު ރައްޔިތުން އުއްމީދުކުރި މިންވަރަށް މަސައްކަތްތައް ކުރިއަށް ނުދިޔަ ސަބަބުތަކަކީ ފޮރުވިފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، 2024 ވަނަ އަހަރު ސަރުކާރުން ތަންފީޒުކުރަން ޖެހިވަޑައިގަތީ، މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު، މި ދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކަށް ހުށަހަޅުއްވައިގެން، އިންތިގާލީ މަރުޙަލާގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމެއް ނެތި، މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް، ފާސްކުރި ބަޖެޓެއް ކަމަށެވެ.
”އެހެންވީމާ ސަރުކާރަށް މި އަހަރުތެރޭގައި މަސައްކަތްތައް ކުރުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ، ސިޔާސީ ވިސްނުމެއްގައި، މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި، އޭރުގަ އޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓު. އިރާދަކުތެއްވިއްޔާ އެކަން މިހާރު މި ނިމުނީ،“ ރައީސް ވިދާޅުވިއެވެ.
ދެން ތަންފީޒުކުރަން ފައްޓަވާނީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައި ހުރި ވައުދުތައް ފުއްދެވުމަށްޓަކައި މި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރެއްވި ބަޖެޓުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ބަހާލެވިގެން، ތަރުތީބެއްގެ ތެރެއިން، ރިޔާސީ ހުރިހާ ވައުދެއްގެ މަސައްކަތް އަމަލީގޮތުން ފަށްޓަވައި، އެކި މަޝްރޫއުތައް ނިމެމުންވެސް ދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ތޮއްޑޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ބިނާރާއި ޢުމްރާނީ ތަރައްޤީގެ އިތުރުން މުޖުތަމަޢުގެ ހަމަޖެހުމަށްވެސް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.
އެގޮތުން، ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓްނުކޮށް ދޫކޮށްލުމުގެ ޘަޤާފަތް، މި ސަރުކާރުން ނައްތާލާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެން އަހަރުތަކުގައި، އެކި އިންތިހާބުތަކާ ދިމާކޮށް ބޮޑެތި އަދަދުތަކުން ގައިދީން މިނިވަންކުރަމުންދިޔަ ނަމަވެސް، މި ނިމުނު އަހަރު ތެރޭ، މުޅި އަހަރަށް ބަހާލައިގެން، ގާނޫނުގައި އޮންނަ ފުރުސަތުތަކުގެ ތެރެއިން އަދަބު ލުއިކޮށް، ދޫކޮށްލާފައި ވާނީ ޖުމުލަ 86 މީހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ، މި ހިނގާ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހުން ފާސްކުރި، ޖަލުތަކުގައި ޙުކުމް ތަންފީޛުކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ބަދަލު ގެނެސް، އެ ޕްރޮގްރާމްތަކާއި ގުޅުވައިގެން ހުކުމަށް ލުއި ދިނުމާއި، ޙުކުމް މަޢާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވި ނިންމެވުމަށް އިޝާރާތްކުރައްވާފައެވެ.
މި ސަރުކާރުން އިސްކަންދޭނީ ތަރައްގީ އާއި ހަމަޖެހުމަށްކަމަށާއި، ސިޔާސީ ވިސްނުމެއްގައި ބަދަލުހިފުމުގެ ރޫޙެއްގައި މަސައްކަތްނުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގައި ބޭއްވި މި ބައްދަލުވުމާއެކު ރައީސުލްޖުމްހޫރިއްޔާ މި ވަނީ 170 ކައުންސިލާ ބައްދަލުކުރައްވާފައެވެ.


ވައުދު ފުއްދާފަ ތިވާހަކަ ދެއްކުން ރަގަޅު ވާނެ.