އ.އ ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވަނީ އެ ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ހިނގާ އަދި އެ ވިޔަފާރި ފުޅާވަމުންދާ ރަށެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެ ރަށުގައި 50 އެއްހާ ގެސްޓްހައުސް ހުރިއިރު ގާތްގަނޑަކަށް 40 ގެސްޓްހައުސްގެ މަޝްރޫއު މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުތަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 3،000 ޓޫރިސްޓުން ގެނެވޭނެ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީއެއް އެ ރަށުގައި އުފެދޭނެ ކަމަށެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއިރު މާލޭގެ އިތުރުން މިވަގުތު ޑޮލަރު އޭޓީއެމްއެއް ހުރީ ކ. މާފުށީގައެވެ.

ރައީސް މުއިއްޒު ވަނީ ތޮއްޑޫގެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އަންނަ އަހަރު ފައްޓަވާނެ ކަމަށާއި އެ މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.