އަންނަ އަހަރު އ.އ ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފެނާ ނަރުދަމާގެ މަސައްކަތާއެކު، މަގު ހެދުމުގެ މަޝްރޫއުއަށް އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއް ދެވިފައިވާނެ ކަމަށެވެ.

”މި ރަށުގެ މަގު ހެދުމުގެ މަޝްރޫއަކީ ސޮއިކުރެވިފައި އޮތް މަޝްރޫއެއް. އަދި އަޅުގަނޑުމެން 2025 ގައި ކުރިއަށް ގެންދަން ފާސްކޮށްފައި އޮތް ބަޖެޓުގައި، އެންމެ އިސްކަމެއް ދޭ އެއްކަމަކަށް އޮންނާނީ، ފެނާއި ނަރުދަމާ އެޅުމާ އެކީގައި މަގުހެދުން. މި ރަށުގައި ފެނާއި ނަރުދަމާގެ ކަންކަން މިހާރު ނިމިފައިވުމާ އެކީގައި، މަގުހެދުމާ ހަމަޔަށް އޮތީ ގޮސްފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، މި އަންނަ އަހަރު ވެގެންދާނީ، މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަށް. އެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެން.“ ރައީސް ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ މަގުތައް ހެދުމުގެ މަޝްރޫއުގެ ސަބަބުބް ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވިއްސާރަ ދުވަސް ދުވަހު ސްކޫލަށް ކުދިން ގެންދިޔުމުގައި މައިންބަފައިން އުޅެންޖެހޭ ދަތިކަމާއި، އިގްތިސާދީ ކުރިއެރުން ރަށަކަށް އައުމުގައި، ފެންވަރު ރަނގަޅު މަގުތަކެއް ހުރުމަކީ އެތައް ގުނައަކަށް އިންވެސްޓްމަންޓްތަކާއި ވިޔަފާރިތަކަށް ކުރިއެރުން ލިބޭ ކަމެއް ކަމަށެވެ.

”އެހެންވީމާ، މަގު ހެދުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ.“ ރައީސް ވިދާޅުވިއެވެ.

ރައީީސްގެ ވާހަކަފުޅުގައި ތޮއްޑޫގައި މިހާރު ހުރީ އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަކަށް ހިދުމަތް ދެވޭވަރުގެ މަރުކަޒެއް ނޫންކަން ފާހަގަކުރެއްވިއެވެ.

”އެހެންވީމާ، އަޅުގަނޑު ވައުދުވެފައިވާ ގޮތަށް، އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސިއްހީ މަރުކަޒު ފުޅާކުރެވި، ހިދުމަތްތައް އިތުރުކުރެވިގެންދާނެ.“

އެހެންކަމުން ތޮއްޑޫގެ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.