ފާއިތުވި އަހަރު ކުރަން ޖެހުނު މަސައްކަތަކީ ބަނގުރޫޓުގެ މަގަށް ގެންގޮސްފައި އޮތް އިގްތިސާދު ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އ.އ ރަސްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މި ނިމިގެންދާ އަހަރު އެންމެ އެދޭގޮތަށް ކަންތައްތައް ނުކުރެވި އޮތީ ބަޖެޓުގެ ސަބަބުން ކަމަށެވެ.
”ރާއްޖެ ބަނގުރޫޓު ކުރުމަށް، މި ދެންނެވީ، އެގޮތަށް އެ މަގުން ގޮސްފައި އޮތް އިގްތިސާދެއް ސަލާމަތް ކުރަން އަޅުގަނޑުމެންނަށް ޖެހުނީ. އަޅުގަނޑު ކުރިން ދުވަހެއްގައި، ދާދިފަހުން 17 ނޮވެންބަރުގައި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކިއިރު، ވަރަށް ތަފްސީލުކޮށް އެ ވާހަކަ ދެއްކިން.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި 2023 ވަނަ އަހަރުގެ ނޮވެންބަރުގައި، އޭރުގައި އޮތް ވެރިކަން ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އިން ނެރެފައި އޮތް ރިޕޯޓުގައި ރާއްޖެ އޮތީ ބަނގުރޫޓުވާ ހިސާބުގައިކަން ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
”އެހެންވީމާ، އެ ހިސާބުން އެ އިގްތިސާދު ސަލާމަތްކޮށް، ސަލާމަތުގެ އައްސޭރިއަށް ގެންދިޔުން އެއީ، ހަގީގަތުގައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް ކުރެވުނު އެންމެބޮޑު ކަންތައް.“
އެ މަސައްކަތަކީ ލޮލުން ފެނި، އަތުން ހިފެން ނެތް ކަމުގައި ވިޔަސް، ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތް ކަމުގައި ރައީީސް ވިދާޅުވިއެވެ.
”އަތުން ހިފޭކަށް ނެތް. އެހެން ނަމަވެސް، އެއީ، ކުރެވުނު އެންމެ ބޮޑު ކަންތައް. އެކަން ކުރެވުނީ ވަރަށް ގިނަ މަސައްކަތްތަކަކަށް އަޅުގަނޑުމެން އިސްކަންދީގެން ކޮށްގެން. އެހެން ނަމަވެސް، ދެން ދާނީ ކުރިއަށް.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީީސް ވަނީ ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރަމުން ދިޔަ ދިޔުން ނިމުމަކަށް ގެނެސް މި ސަރުކާރުން އައު ބިންގަލުގެ މަތީގައި ރާއްޖޭގެ އިގްތިސާދު ގެންދާނީ ކުރިއަށް ކަމުގައެވެ.

