މިފްކޯގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް ބިދޭސީއަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް އައްޔަންކޮށްފައިވާ ޔޫކްރޭން ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޮވްއެވެ.
ވިޓާލީ އަކީ ކުންފުނިތައް ނަގައި ކޮޅަށް ޖެހުމާއި ކުންފުނިތައް ހިންގުމުގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
މިފްކޯ އިން ބުނީ ވިޓާލީ މާދަމާ ހެނދުނުން ފެށިގެން ރަސްމީކޮށް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ވިޓާލީގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށްވެސް މިފްކޯ އިން ބުންޏެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ކުރިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ ބޭފުޅެއްގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000 ރުފިޔާ) އާއި 12،000 ޑޮލަރު (185،000 ރުފިޔާ)އާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ބިދޭސީއަކު ހަމަޖައްސާފައި މިވަނީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް ކުރި ފުރަތަމަ އިއުލާން ބާތިލްކުރުމަށްފަހު ދެވަނައަށް ކުރި އިއުލާނަށްފަހުއެވެ.

