ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިއީ، 02 ޑިސެންބަރު 2024 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މަގުސަދަކީ، ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެނޫން ވެސް ހައްގުތަކާގުޅޭ ކަންކަން އިތުރަށް ތަފްސީލުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމާއި، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާގުޅޭ ހައްގުތައް ކަށަވަރުކުރުމުގައާއި އެނޫން ވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ޓަކައި، ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ޙިމާޔަތްކުރެވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އަދި މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭގޮތް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެންނޫންކަމަށާއި، މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތްކުރެވޭނީ އެ އުފެއްދުމެއް އުފެއްދީތީވެ ކަމަށް ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، މި އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ހައްގަކަށް އެއްވެސް ފަރާތަކުން އަރައިގެންފިނަމަ ނުވަތަ އެއިން ހައްގަކަށް އަރައިގަންނަން އެއްވެސް ފަރާތަކުން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ހައްގު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކަމާބެހޭ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިގެންވާކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

