ރާއްޖޭގެ ގައުމީ އެެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ހަތަރު ސިޓީއަކަށް ޖެނުއަރީ މަހު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ބެއިޖިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަކީ ލިބުނު ވަަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން މޯލްޑިވިއަންއިން ބެއިޖިންގ، ޝަންހާއީ، ޗެންގޑޫ އަދި ޝިއާންއަށް ދަތުރު ކުރާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެެވެ.
”މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ކަނެކްޓިވިޓީއަށް އިތުރު ކުރިއެރުމެއް ލިބޭނެ،“ އަމީން ވިދާޅުވެފައި ވެއެވެ.
މޯލްޑިވިއަން އިން މި ދަތުރުތަކަށް ބޭނުން ކުރަނީ 13،000 ކިލޯމީޓަރަށް އެއްވެސް ތާކު ނުޖައްސާ ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.

