ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތައް އޮމާން ސަރުކާރާ ހިއްސާކޮށްފިއެވެ.

މި މައުލޫމާތު ދިވެހި ސަރުކާރުގެ ފަރާތުން އޮމާންގެ ސުލްތާން ބިން ސާލިމް ބިން ސާއިދު އަލްހަބްސީއާ ހިއްސާކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ.ހަލީލު އޮމާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ސާލިމްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ސިޔާސަތުތަކުގެ އިތުރަށް ރާއްޖޭގައި އިންވެސްޓުކުރަން ހުރި ފުރުސަތުތަކުގެ މައުލޫމާތު ޑރ. ހަލީލު ހިއްސާކުރެއްވި ކަމަށެވެ.

މީގެއިތުރުން ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑރ. ހަލީލު އޮމާނަށް ރޭ ފުރާވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދައުވަތަކަށެވެ.

ޑރ. ހަލީލްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.