މާލޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ތިން އިމާރާތަކަށް އަސަރުކޮށްފިއެވެ.

މިއަދު ހެނދުނު އަލިފާން ރޯވީ ހައުސިން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ ހުންނަ އިމާރާތުގައެވެ.

އެމްއެންޑީއެފް އިން ބުނީ، އެންމެ ބޮޑަށް އަލިފާނުގެ އަސަރުކޮށްފައިވަނީ “ޓިނު ބިލްޑިންގ” އަށް ކަމަށެވެ.

މި އިމާރާތް ވަނީ ބޮޑަށް އަނދާ ހުލިވެފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އަދި މި ވަގުތު އެ އިމާރާތުގެ 90 އިންސައްތަ އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެއިތުރުން، “ގްރީން ބިލްޑިންގ” ގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި އަދިވެސް އަލިފާން ރޯވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އަދި ޓިނު ބިލްޑިންގގެ ދިމާލުގައި ހުރި މަހުމާ ވިލާއަށްވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ނޭނގެއެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން ސޯޝަލް ސެންޓަރަށް 50 އަށް ގިނަ މީހުން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ވަނީ ހާމަކޮށްފައެވެ.