ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ މިއަދު އޮމަދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލާއި، ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ މެންބަރުންނާއި އޮމަދޫގެ ބައެއް މުވައްސަސާތަކުގެ ވެރިން ރައީސް އާއި ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުއްމީދުތައް ހިއްސާ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ މައްސަލައަކީ އޮމަދޫގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

އަދި ހެލްތު ސެންޓަރ ތަރައްގީ ކުރުމަށް ބޭނުންވާކަމަށާއި ބިމުގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ސުކޫލުގެ ކަންކަން ރަނގަޅުކުރަން ބޭނުންވާކަންކަންވެސް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮމަދޫގެ ފަރާތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަންވެސް ހާމަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އޮމަދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސުކޫލުގެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

އަދި ބަނދަރު މަޝްރޫއުއާއެކު ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.