އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ދެމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ބައްލައްވާލައްވައި، އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައިފިއެވެ.

ރައީސް މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން އެމަނިކުފާނު ވަނީ ތިން މިނިސްޓްރީ ހިންގާ ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މުވައްޒަފުންނާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ.

އަދި މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގޮސްފައިވާކަން ފާހަގަކުރައްވައި އެގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަންވެސް އުނދަގޫވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ”ޕޮސިޓިވް އެޓިޓިއުޑް“ ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ.

އެގޮތުން ފާހާނަ އިތުރުކުރުމަށާއި، ކެފެޓީރިއާގެ ޚިދުމަތް ދިނުމަށާއި، ދެންވެސް މަދުވާ އިލެކްޓްރޯނިކްސް، ކޮމްޕިއުޓަރ ސިސްޓަމްފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އަލިފާނުގެ ހާދިސާގައި އިމާރާތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށްލައްވައި މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުވައްސަސާތަކުން އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރަތް އަނދާދިޔަ ތިން މިނިސްޓްރީއަށް އާންމު ހާލަތަށް ދިއުމަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ހިމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ގަލޮޅު ސްކޫލަށްވެސް ރައީސް ޒިޔާރަތްކުރެއްވިއެވެ.

އަދި އެމަނިކުފާނު އެތަނުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވައި އެބޭފުޅުން ބޭނުންފުޅުވާކަންކަމާއި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.