މާލޭގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ނެތިދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަ ކުރެއްވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ދެމުންދާ ގޮތް ބައްލަވާލައްވައި އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ.

މި ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގޮސްފައިވާކަން ފާހަގަކުރައްވައި އެ ގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަންވެސް އުނދަގޫވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ.