އެއްވެސް ސާފުތާހިރު ކަމެއް ނެތި، ދިވެހި އުފެއްދުންތައް ތައްޔާރު ކުރަމުން ދިޔަ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ، އެ އިދާރާއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ ޓާސްކުފޯހުން ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
”މި ތަނަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއް. އަދި މިތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެންހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައި.“ އިމިގްރޭޝަނުން ބުންޏެވެ.
ގަވާއިދާ ހިލާފަށް މި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހާ މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް އެ އިދާރާ އިން މައުލޫމާތު ދިނެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 5000 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލައިފައެވެ.

