ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިގޮތަށް ވިދާޅުވީ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބިންތައް ހަވާލު ކުރުމުގައި އެޗްޑީސީން ކޮރަޕްޝަން ހިންގި ކަމަށް ބުނެ ތުހުމަތު ކުރުމުންނެވެ. މި ތުހުމަތުތަކާ ގުޅިގެން އެޗްޑީސީގެ އޮފީހަށް ފުލުހުން ވެސް ވަދެފައިވެއެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލްގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާ އަށް ވަނީ ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައެވެ. އޭނާގެ އިތުރުން އެހެން ބަޔަކަށް ވެސް އެގޮތަށް ރަޖިސްޓްރީ ހަދާފައިވާކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި ފަޒުލް ވިދާޅުވީ ހައުސިން ހައުސިން މިނިސްޓްރީން ނާންގާ ފަރާތަކަށް އެޗްޑީސީން ބިން ހަވާލު ކޮށްފައި ނުވާނެ ކަމަށާއި ގޯތީގެ އެއްބަސްވުން ހެދުމާއި ރަޖިސްޓްރީ ދޫކުރަނީ އެޗްޑީސީން ނޫން ކަމަށެވެ.

ފަޒުލް ވިދާޅުވީ ގޯތި ދޫކުރުމުގައި ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރެވުނީ އެއް ގޯއްޗެއްގައި އިންފާރު ރޭނުމުގެ ހުއްދައަށް ދެ ފަރާތަކުން އެދުމުން ކަމަށާއި، އެކަން ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.

”މިގޮތަށް ހިނގައިދިޔަ ދެ ޕްލޮޓެއްގެ މައުލޫމާތު މިއަދު އަޅުގަނޑުމެންނަށް، ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައީ. އެހެންވީމަ، އެ ދެ ޕްލޮޓްގެ މައުލޫމާތު އަޅުގަނޑުމެން ހައުސިން މިނިސްޓްރީން ވެރިފައިކޮށްފަ ޕްރޮސެސް މި އިނީޝިއޭޓް ކުރީ. އަޅުގަނޑުމެން އެއްވެސް ހާލަތެއްގަ، މިނިސްޓްރީ އޮފް ހައުސިން އިން ނާންގާ ފަރާތަކަށް އަޅުގަނޑުމެން ބިމެއް ހަވާލުކޮށްފައެއް ނުވާނެ.“ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީއަށާއި، އޭނާގެ އަބުރު ކަތިލަން ފަތުރާ ވާހަކަތަކަށް ޖަވާބު ދެއްވާނެ ކަމަށާއި، ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގޯތީގެ އެޕްލިކޭޝަންތައް ލިބޭއިރު، މާލޭގައި ރަށްވެހިފައިވާ ރައްޔިތުން ނޫން އެހެން ފަރާތްތައް ވެސް ކަމަށާއި އެކަންކަން ވެރިފައި ކުރަންޖެހޭ ކަމަށެވެ.

އިންފާރު ރޭނުމުގެ ހުއްދަ ދޫކުރުމަށް އެދި ޕޯޓަލްއިން އެޗްޑީސީއަށް ހުށަހަޅާ ސޮފްޓް ޑޮކިއުމަންޓްތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ވެރިފިކޭޝަންގެ ތެރެއިން ކަމަށާއި، މީސްމީޑިއާގައި ފެންމަތިވެގެން އުޅޭ މައްސަލަ ވެސް ސަމާލުކަމަށް ގެނައީ އެޗްޑީސީން ކަމަށް އޭނާ ވިދާޅުވިއެވެ.

ިފަޒުލް ވަނީ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގޯތި ލިބުނު ހުރިހައި ފަރާތްތަކަށް ވެސް ގޯތި ހަވާލު ކުރެވިގެންދާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.