ސަރުކާރުގެ ތިން މިނިސްޓްރީއެއް އަނދައިގެން ދިޔަ ހާދިސާ ތަހުގީގު ކުރުމަށް އިންޑިއާގެ ހާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާ ހާއްސަ ޓީމު ދިވެހި ފުލުހުންގެ ތަހުގީގު ޓީމާ ގުޅިގެން މިހާރު ވަނީ މަސައްކަތް ފަށައިފައެވެ.

މިކަމުގެ އިތުރު ތަފްސީލު ފުލުހުންގެ އިދާރާ އަކުން އަދި ހާމައެއް ނުކުރެއެވެ.

މާލޭގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު ސަރުކާރުގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ގާތްގަނޑަކަށް 6:30 ހާއިރު އަލިފާން ފުރަތަމަ ރޯވީ ޓިނުން ހަދާފައި ހުރި ހައުސިން މިނިސްޓްރީގައެވެ.

އޭގެފަހުން އަލިފާން ރޯވީ ހައުސިން މިނިސްޓްރީއާއި ޖެހިގެން ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިން ގައެވެ.

އަލިފާނުގެ މި ހާދިސާގައި އެ ތަންތަނުގައި ރޯވެ، އިމާރާތްތަކާއި އެ ތަންތަނުގައި ހުރި ލިޔެކިޔުންތަކާއި ވަސީލަތްތައްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.