އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކްސަބާ ރައީސްގެ ދައުވަތަކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެ ގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅު ތާވަލު ކުރެވިފައި ވަނީ، އަންނަ ފެބްރުއަރީ މަހަށެވެ.
އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާނެކަން ހާމަކޮށްފައިވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގަރީޓާއެވެ.
އެއީ، އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ ’ނެއިބަހުޑް ފަސްޓް‘ ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ކުރާ މުއާމަލާތްތަކާ ގުޅޭ ގޮތުން ލޮކް ސަބާއިން ސުވާލުކުރުމުން، އެ ސުވާލަށް މިނިސްޓްރީން ފޮނުއްވި ޖަވާބުގައެވެ.
އެ ސުވާލުގައި ވަނީ، ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހާ މެދު ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލުތައް ދިނުމަށް ވަކިން އަހައިފައެވެ.
އެ މައުލޫމާތާއެކު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ، ލޮކްސަބާގެ ރައީސްގެ ދައުވަތަށް، މަޖިލީހުގެ ވަފުދަކާއެކު އަންނަ ފެބްރުއަރީ މަހުގެ 10ގައި އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެއީ ހަތަރު ދުވަހުގެ ދަތުރުފުޅެއް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.

