ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އުސޫލުން ބޭރުން ގޯތިތަކެއް ދިން މައްސަލައާގުޅޭ ގޮތުން އެޗްޑީސީއާއި ފުލުހުން މަޝްވަރާތަކެއް ކޮށްފިއެވެ.

ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް ފެންމަތިވިފަހުން ފަޒުލް މަގާމުން ސަސްޕެންޑްކޮށްފައިވަނިކޮށް ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ފަޒުލްގެ އިސްތިއުފާއާއެކު އެޗްޑީސީގެ އެމްޑީގެ މަގާމަށް މުހައްމަދު މައުރޫފް ޖަލީލު ވަނީ އައްޔަނުކޮށްފައެވެ.

ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މައުރޫފް ބައިވެރިވެވަޑައިގަތް އިރު އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގާ ބެހޭގޮތުން މަޝްވަރާ ކުރިކަމަށް ފުލުހުން ބުނެފައިވެއެވެ.